ހިޔާ ފްލެޓްގެ ކުއްޔަށް ދިން ލުއި "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ
އަވަސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 5:00
ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ދިން ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލު މިހާރު "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.
މިއީ ހިޔާ ފުލެޓު ލިބުނު މީހުންނަށް ސަރުކާރުން ދިން ލުއިތައް ރަސްމީކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމުގެ ވައުދުފުޅު ފުއްދެވުމަށް ސަރުކާރުންކުރާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް މަސައްކަތެވެ. އެޗްޑީސީން ބުނީ ހިޔާ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މީހުންނަށް މިހާރު މައި ހުޅުމާލެ ޕޯޓަލް ލިންކުން އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލައި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ހިޔާ ފުލެޓުތަކުގެ އެއްބަސްވުމަށް ގެނެވުނު އިސްލާހުތަކާއި އަގަށް އައި ބަދަލުތަކުގެ ސަބަބުން ފުލެޓު ލިބިފައިވާ ގިނަ ބަޔަކަށް މާލީ ގޮތުން ލުއިތަކެއް ލިބިގެންދާނެ އެވެ. ސަރުކާރުގެ މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ބޯހިޔާވަހިކަމާއި ގުޅުން ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.