ވަޒީފާގެ ރައްކާތެރިކަމެއް ނެތް: ފައްޔާޒު
އަވަސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 9:37
ވަޒީފާގެ ރައްކާތެރިކަމެއް ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ވަޒީފާތަކުގެ މައްސަލައިގައި ފައްޔާޒު މިހެން ވިދާޅުވީ ގއ. ގެމަނަފުށީ ސްކޫލުގައި މަސައްކަތް ކުރަމުން ދިޔަ އަމާނުالله އަދާކުރަމުންދިޔަ ވަޒީފާ ގދ. ވާދޫ ޖަމާލުއްދީން ސްކޫލަށް ބަދަލުކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެންނެވެ. މިބަދަލާ ގުޅިގެން ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމުމަކީ އަމާނުﷲ އަށް ދިން ބޮޑު އަނިޔާއެއް ކަމަށެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބޭއިންސާފުން އަޅާ މިފަދަ ފިޔަވަޅުތަކަކީ ވަޒީފާގެ ރައްކާތެރިކަމެއް މިއަދު އެއްވެސް މުވައްޒަފަކަށް ނެތްކަން ސާފުވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. "ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން އެއްވެސް މީހެއްގެ ވަޒީފާއަށް ބަދަލެއް ގެނެވިގެން ނުވާނެ،" ފައްޔާޒު ވިދާޅުވި އެވެ. ފައްޔާޒު ވަނީ މިނިސްޓްރީތައް މެދުވެރިކޮށް ސިޔާސީ ގޮތުން ނުފޫޒާއި ބިރު ދެއްކުމުގެ ސިޔާސަތު އަލުން އިއާދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.