އައްޑޫގައި ޑްރަގު ވިޔަފާރިކުރާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އަވަސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 1:35
އައްޑޫސިޓީ އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯކެއްގެ އިސް ބަޔަކު ހައްޔަރުކޮށްފި އެވެ.
އެ މީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އޮޕަރޭޝަން އަލިމަގުގައި ރޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވި އެވެ. މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަނެއް ފަށާފައިވަނީ މި އަހަރު މާޗް މަހު ކަމަށް އިހްސާން ވިދާޅުވި އެވެ. އިހްސާން ވިދާޅުވީ މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާ ކަމަށާއި ފާއިތުވި ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށެވެ. އައްޑޫން ހައްޔަރުކުރި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައިނުވެ އެވެ.