ކައުންސިލް އިންތިހާބު އޭޕްރީލް 4ގައި ބާއްވަން ނިންމައިފި
އަވަސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 4:56
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަންނަ އަހަރުގެ އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީ އިން ބުނީ މި އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް 7,000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދުމަށްވެސް އީސީ އިން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އޮފިޝަލަކަށް ވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބައެއްް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ފުރުސަތުވެސް ހުޅުވާލާފަ އެވެ. ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރުވަމުންދާއިރު ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލްތައް އުވާލުމަށް ވަނީ ނިންމާފަ އެވެ. އެހެންވެ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލްގެ ރައީސްގެ ގޮތުގައި ބޭފުޅަކު ހޮވުމެއް ނޯންނާނެ އެވެ.