ވާނުވާ މައްސަލަ ލަސްވާ ސަބަބު ވިދާޅުވެއްޖެ

އަވަސް

4 ޑިސެމްބަރު 2025 | ބުރާސްފަތި | 11:55

ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާ މެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނެސް، ވާނުވާ އެނގޭ ހިސާބަށް ކަންކަން ގެންގޮސް ދެވިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާފަންނު ރައްޔިތުންނާ އެކު މިރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ބަންދާ މެދު ވާނުވާ ނޭނގި އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރަށް ކުރެވެން ހުރި ކަންކަން ބަލައި، އެކަންކަން ކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދީ، މާލީ ގޮތުންވެސް ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށްދެއްވާފައިވާނެ ކަމަށް ވިދާޅުވި އެވެ. "މިގޮތަށް ކަންކަން ހަމަޖެހެން ފެށުމާއެކު، ބަންދުގައި ތިބި ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކުރެވިގެންދާ ގޮތުގެ މައުލޫމާތު އެ ފަރާތްތަކަށް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ވާނުވާ ބަންދުގައި ތިބި މީހުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް ދޫކޮށްލެވިދާނެ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ބައެއް މީހުން ވާހަކަދައްކާތީވެ އެކަމަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވާނުވާ ބަންދުގައި މިވަގުތު ތިބި މީހުންގެ އަދަދާއި، އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތްތައްވެސް އާންމު ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ވާނުވާ ބަންދުގައި މިވަގުތު 347 މީހުން އެބަތިބި ކަމަށެވެ. މީގެތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތު ކުރެވޭ 117 މީހަކާއި، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތު ކުރެވޭ 116 މީހުންނާއި މާރާމާރީ ހިންގުމުގެ ތުހުމަތު ކުރެވޭ 70 މީހަކާއި، މީހުން މެރުމުގެ ތުހުމަތުކުރެވޭ 29 މީހަކާއި، ޓެރަރިޒަމް ކުށުގެ ތުހުމަތުކުރެވޭ 20 މީހަކު ތިބި ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ވަކިވަކި ކުށްތަކުގެ އަދަދުތަކަށް ބަލާއިރު ޖުމްލަ އަދަދާ ފުށުއެރުމެއް އުޅެ އެވެ.

މައުޟޫޢުތަށް