ނޫސްވެރިކަން އޮތީ "ތަންމިނަށް" ހުޅުވާލެވިފައި: ރައީސް
އަވަސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 11:55
މިއަދުގެ ސަރުކާރަކީ ނޫސްވެރިންނަށް ފުރުސަތު ފަހިކޮށްދޭ ސަރުކާރަކަށްވާތީ ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި އޮތީ "ތަންމިނަށް" ހުޅުވާލެވިފައި ކަމަށާ ނަމަވެސް އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުސަތެއް އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާފަންނު ރައްޔިތުންނާ އެކު މިރޭ ތާޖުއްދީން ސްކޫލުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގެން މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ހުރިހާ ވާހަކަތަކެއް ހިއްސާކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ. ހިޔާލު ތަފާތު ބޭފުޅަކު އެއްޗެއް ވިދާޅުވެދާނެ ކަމަށް ކަންބޮޑުވާ ކަމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ. އެފަދަ ކަންކަމަށް މަރުހަބާ ވިދާޅުވާނެކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރައްޔިތުން ބޭނުންވާ ކަންކަން ހިއްސާކުރަމުން ގެންދިއުމަށްވެސް އެދިވަޑައިގެންފަ އެވެ. "ކޮންމެ ރައްޔިތަކީވެސް އަޅުގަނޑަށް ހަމަހަމަ ރައްޔިތެއް. ކޮންމެ ރައްޔިތަކާ މެދުވެސް ސަރުކާރުން އަމަލުކުރާނީ އަދަލުވެރިކަމާއި، ހަމަހަމަކަމާއެކުގައި،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަމަކީ އެހެން ދާއިރާތައް ފަދައިން ނުހަނު ޒިންމާދާރުކަމާއެކީ ކުރަންޖެހޭ ކަމެއް ކަމަށާއި ހަބަރު ފެތުރުމުގައި ދެ ފަރާތްވެސް ހަމަހަމަކޮށް، ހަގީގަތް ގެނެސްދޭންޖެހޭ ކަމަށެވެ. އެގޮތުން އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމުގައި އިއުތިރާފުވެވޭ ހިސާބުން، އެބަޔަކަށް ވަކި ފަރާތަކަށް ބުރަވެވުނީ ކަމަށާއި އެއީ ނޫސްވެރިކަމުގެ ބަދަލުގައި ސިޔާސީ ހަރަކާތެއް ކަމުގައިވެސް ވިދާޅުވި އެވެ. ނޫސްވެރިކަމުގެ އިމުގެ ތެރެއިން އެއްވެސް ބަޔަކު ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކަށް އެމަނިކުފާނުގެ ސަރުކާރުން ހުރަހެއް ކުރިމަތިނުކުރާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ. ނަމަވެސް އިސްލާމް ދީނުގެ ހުދޫދުން ބޭރުވެ، ގާނޫނުއަސާސީއާ ޚިލާފުވާ ފަދަ މޭރުމަކުން އެ ފުރުސަތު ދެވެން ނޯންނާނެ ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޮންމެ ރައްޔިތެއްގެ އަބުރަކީ ހަމަހަމަ އެއްޗެއް ކަމަށް އިލާހީ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެ ގާނޫނާ ހިލާފުވުމުގެ ފުރުސަތު، ކޮންމެ ލޭބަލެއްގައި އައިކަމުގައިވީ ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެ ކަމުގައި ވިދާޅުވި އެވެ. "އެއީ އަޅުގަނޑަށް އޮތް ފުރުސަތެއް ނޫން. ނަމަވެސް އެއްވެސް ކަހަލަ ސިޔާސީ ވިސްނުމެއް ނެތި، ދެފަރާތް ހަމަހަމައަށް، ތެދުބަހުން ގެނެސްދޭ ކޮންމެ ކަމަކަށް މި ސަރުކާރުން ފުރިހަމައަށް މަރުހަބާ ކިޔާނެ. އެގޮތަށް ކުރާ ނޫސްވެރިކަމަކަށް އަޅާނެ އެއްވެސް ހުރަހެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.