ލަންކާއަށް މަސްދަޅު ކޭސްތައް ހަދިޔާކޮށްފި

އަވަސް

5 ޑިސެމްބަރު 2025 | ހުކުރު | 7:49

ދިވެހި ރައްޔިތުންގެ ފަރާތުން ދިވެހި ސަރުކާރުން ހަދިޔާ ކުރި މަސްދަޅު ކޭސްތައް ލަންކާ ސަރުކާރާ ހަވާލުކޮށްފި އެވެ.

ސްރީލަންކާއަށް ފަހުގެ ތާރީހެއްގައި އެރި އެންމެ ބާރުގަދަ ތޫފާން "ޑިތުވާ"ގެ ސަބަބުން އެ ގައުމަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ ދިވެހި ސަރުކާރުން ލަންކާއަށް ހަދިޔާކުރީ 25،000 މަސްދަޅޫ ކޭހެވެ. ދިވެހި ސަރުކާރުގެ ފަރާތުން މަސްދަޅު ކޭސްތައް ލަންކާ ސަރުކާރާ ހަވާލުކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު އެވެ. ލަންކާ ސަރުކާރުގެ ފަރާތުން މަސްދަޅު ކޭސްތަކާ ހަވާލުވެވަޑައިގަތީ އެ ގައުމުގެ ޑިޒާސްޓަ މެނޭޖްމަންޓް ސެންޓާ (ޑީއެމްސީ)ގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ބްރިގޭޑިއާ ރޯޝަން ދަރްމާވަކްރަމާ އެވެ. ލަންކާއަށް އެހީވުމަށް ދިވެހި ސަރުކާރުން ވަނީ 50،000 އެމެރިކާ ޑޮލަރުވެސް އެ ގައުމަށް ހަދިޔާކޮށްފަ އެވެ. ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ އެހީގެ ޓެލެތޯން މެދުވެރިކޮށް ދިވެހި ރައްޔިތުން ވަނީ 8 ލައްކައަށް ވުރެ ގިނަ ޑޮލަރުވެސް ލަންކާއަށް އެހީގެ ގޮތުގައި ދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ކުރިން ވިދާޅުވި ގޮތުގައި ރާއްޖެއިން ސްރީލަންކާއަށް ފައިސާގެ އެހީގެ ގޮތުގައި މަދުވެގެން 2.4 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާ ކުރާނެ އެވެ. އަދި ބައެއް ދިވެހިން ގެންދަނީ ތަކެތީގެ ގޮތުގައިވެސް ލަންކާއަށް އެހީތަކެއް ފޯރުކޮށްދެމުންނެވެ.

މައުޟޫޢުތަށް