ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ 11 ވިޔަފާރިއެއް ބަންދު
އަވަސް
5 ޑިސެމްބަރު 2025 | ހުކުރު | 7:00
ބިދޭސީން ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި އެވެ.
ގަވައިދާ ހިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތަކާ ގުޅޭ މައުލުމާތު ހިއްސާކުރުމަށް އިކޮނޮމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލީ މިދިޔަ ނޮވެމްބަރު 27 ވަނަ ދުވަހު އެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ މިހާތަނަށް 125 ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެހެންވެ 20 ކެފޭ، 12 ރީޓެއިލް އައުޓްލެޓް، ދެ ގަރާޖު އަދި އެއް ގެސްޓްހައުސް ހިމެނޭހެން 35 ތަނެއް އިންސްޕެކްޓް ކުރެވި 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ބަންދުކުރަން ނޯޓިސްތައް ދީފައިވާ ސަބަބުތަކުގެ ތެރޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި އަދި ދުންފަތުގެ ބާވަތް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭ ކަމަށެވެ. އަދި ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ ގަވާއިދާ ހިލާފަށް އެއްވެސް ބިދޭސީއަކު ރާއްޖޭގައި ވިޔަފާރި ކުރާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ މައުލޫމާތު ރިޕޯޓްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފަ އެވެ.