"މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގައި 818 ގްރާމުގެ ޑްރަގްސް ހުރި"
އަވަސް
5 ޑިސެމްބަރު 2025 | ހުކުރު | 8:55
ހުޅުމާލޭގެ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ މިދިޔަ މަހުގެ 30 ވަނަ ދުވަހު ފެނުނު މީހާގެ ހަށިގަނޑުގައި 818 ގްރާމުގެ މަސްތުވާތަކެތި ރައްކާކޮށްފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ގެސްޓްހައުސްގައި މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ މެންދުރު 12:57 ހާއިރު މަރުވެފައި އޮއްވާ ފެނުނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. ފުލުހުން މި މައްސަލައިގެ ބައެއް މައުލޫމާތު މިރޭ ހާމަކޮށްފައި މިވަނީ ހުޅުމާލެ ސަހަރާ ތެރޭ މައްޔިތެއްގެ ބަނޑު ފަޅާލައި 72 ބުލެޓު ނެގި މައްސަލައެއްގައި ފުލުހުންގެ ޖަވާބު ނުދޭ ކަމަށް ބުނެ ރާއްޖޭގެ ނޫހެއްގައި މިއަދު ހަބަރެއް ރިޕޯޓް ކުރުމާ ގުޅިގެންނެވެ. މިމައްސަލައިގެ ބައެއް މައުލޫމާތު ހާމަކުރުމުގެ ގޮތުން ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިހާތަނަށް ބެލިބެލުމުން މަރުވި މީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާއެކު މިދިޔަ ނޮވެމްބަރު 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށެވެ. އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިންވީ މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި ހަމަ އެ ދުވަހު އެތަނުން ދެ މީހުން ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށްވެސް ބުންޏެވެ. ފުލުހުން ބުނީ ނިޔާވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އެކަމަކު މަރުވި މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު އެ ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރި ކަމަށް ފާހަގަކުރެވިފައިވާތީ އެކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދާފައިވާ ކަމަށެވެ. ޕީޖީގެ ލަފާގެ މަތިން މިމަހުގެ ދެވަނަ ދުވަހުގެރޭ، މަރުވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާ ކަމަށްވެސް ބުންޏެވެ. "މީހާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައި ނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށް ވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުންނެވެ. އަދި ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުންނެވެ،" ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ނެގުމަށް ކުރި މަސައްކަތް ހާމަކުރުމުގެ ގޮތުން ފުލުހުން ބުނެފައިވެ އެވެ. މަރުވި މީހާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު އެ ތަކެތީގެ ބަރުދަނުގައި 818 ގްރާމު ހުރި ކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ. ފުލުހުން ބުނީ މިމައްސަލައިގެ މައުލޫމާތު ކުރިން ހާމަކޮށްފައި ނުވަނީ މި މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި މިމައްސަލައިގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މިމައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. މި މަސައްކަތް މިހާރުވެސް ފުލުހުން ކުރަމުންދާ ކަމަށާއި މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހާމަކުރުމުގައި ދޮގު މައުލޫމާތު ނުފެތުރުމަށާއި މައުލޫމާތު ހާމަކުރާއިރު ތެދު މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ. "މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ." މެސެޖު ނިންމާލަމުން ފުލުހުން ބުނެފައިވެ އެވެ.