ލަންކާއަށް އެންމެ ބޮޑު އެހީއެއް ދިނީ ރާއްޖެއިން
އަވަސް
6 ޑިސެމްބަރު 2025 | ހޮނިހިރު | 10:00
ސްރީލަންކާއަށް ފަހުގެ ތާރީހެއްގައި އެރި އެންމެ ބާރުގަދަ ތޫފާން "ދިތުވާ"ގެ ސަބަބުން އެ ގައުމަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން އެންމެ ބޮޑު އެހީއެއް ދީފައިވަނީ ދިވެހިރާއްޖެއިން ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފި އެވެ.
ލަންކާއަށް އެހީގެ ގޮތުގައި މިހާތަނަށް ލިބިފައިވަނީ 6.5 މިލިއަން ޑޮލަރެވެ. ރާއްޖެއިން އެކަނިވެސް އެހީގެ ގޮތުގައި 2.4 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަދިޔާކޮށްފައިވެ އެވެ. ލަންކާއަށް އެހީވުމަށް ދިވެހި ސަރުކާރުން ވަނީ 50،000 އެމެރިކާ ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާކޮށްފަ އެވެ. ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ އެހީގެ ޓެލެތޯން މެދުވެރިކޮށް ދިވެހި ރައްޔިތުން ވަނީ 8 ލައްކައަށް ވުރެ ގިނަ ޑޮލަރުވެސް ލަންކާއަށް އެހީގެ ގޮތުގައި ދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްވެސް ކުރިން ވިދާޅުވި ގޮތުގައި ރާއްޖެއިން ސްރީލަންކާއަށް ފައިސާގެ އެހީގެ ގޮތުގައި މަދުވެގެން 2.4 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާ ކުރާނެ އެވެ. އަދި ބައެއް ދިވެހިން ގެންދަނީ ތަކެތީގެ ގޮތުގައިވެސް ލަންކާއަށް އެހީތަކެއް ފޯރުކޮށްދެމުންނެވެ. ލަންކާއަށް އެރި ތޫފާންގައި މިހާތަނަށް 600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.