ޒަކާތުގެ ބިލް ތަސްދީގު ކުރައްވައިފި

އަވަސް

6 ޑިސެމްބަރު 2025 | ހޮނިހިރު | 9:00

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޒަކާތުގެ ބިލް މިއަދު ތަސްދީޤުކުރައްވައިފި އެވެ.

މި ބިލު ފާސްކޮށްފައިވަނީ މިމަހުގެ 3ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައެވެ. މިއީ އިސްލާމްދީނުގައި ޒަކާތް ޝަރުއުކުރައްވާފައިވާ މަގުސަދުތައް ހާސިލްކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން، ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ގާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވަލާލެވިފައިވާ ބިލެކެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް އަދި އެ ފައިސާއިން އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށްޓަކައި "ޒަކާތު ފަންޑު"ގެ ނަމުގައި ފަންޑެއް އުފެދުނީ ކަމަށް ބަޔާންކޮށްފައިވެ އެވެ. މި ބަލަހައްޓާނީ މާލިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ގާއިމުކުރެވޭ ވަކި އެކައުންޓެއް ގައެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތް ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެވެ. ޒަކާތު ފަންޑު އުފެދުމާއެކު ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ގާއިމުކޮށް ހިންގަމުން އައި "ޒަކާތު ފަންޑު" އެ ފަންޑުގައިވާ އެންމެހައި ފައިސާއާއެކު، މި ބިލުގައި ބަޔާންކުރާ ފަންޑަށް ބަދަލުވާނެ އެވެ. މި ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން، ޒަކާތާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ޒަކާތާ ބެހޭ ކަންކަން ހިމެނޭގޮތުން، އިސްލާމްދީނާ ގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާ އެވެ. ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި "ޒަކާތު ކައުންސިލް"ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. ގާނޫނަށް އަމަލުކުރަން ފެށުމާއެކު މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި، ސަރުކާރުގެ އިދާރާއެއް އުފެދުނީ އެވެ. އަދި ކުރިން މިނިސްޓްރީގެ ދަށުން ހިނގަމުން އައި މޯލްޑިވްސް ޒަކާތު ހައުސްގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، އެ އިދާރާގައި ބޭނުންކުރަމުންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެ އިދާރާއަށް އެކަށައަޅައި މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އިދާރާއަށް ލިބިދޭ ހައްގުތަކާއި މަންފާތައް، މި ގާނޫނުގައި ބަޔާންކުރާ މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލުވާނެ އެވެ. ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވައިލައި ހިންގުމާ ގުޅޭ ކަންކަމުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުއީ ލަފަޔާއި އިރުޝާދު ދޭނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއަކުންނެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ ކުރިއަށް އޮތް ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މައުޟޫޢުތަށް