ޔުނިީފޯމަށް ގެންނަނީ ހަރަދު ބޮޑު ބޭކާރު ބަދަލެއް: ނަޝީދު

އަވަސް

6 ޑިސެމްބަރު 2025 | ހޮނިހިރު | 5:00

ސްކޫލުތަކުގެ ޔުނިފޯމު ބަދަލުކުރުމަށްޓަކައި ސަރުކާރުން ކުރަނީ ހަރަދުބޮޑު ބޭކާރު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސްކޫލު ކުދިންގެ ޔުނީފޯމު މައްސަލައިގައި ރައީސް ނަޝީދު ވާހަކަދައްކަވާފައި މިވަނީ 2027 ވަނަ އަހަރުން ފެށިގެން ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމަށް ބަދަލު ގެންނަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެންނެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޔުނީފޯމަށް ބަދަލު ގެންނަނީ އެއް މިންގަނޑެއް ހިފަހައްޓައި، ފަސޭހަކަމާ އެކު ޔުނިފޯމު ލިބުމަށް މަގުފަހިކޮށް ދޭން ކަމަށެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވީ ރާއްޖޭގައި 90،000 އަށް ވުރެ ގިނަ ދަރިވަރުން އެބަތިބި ކަމަށާއި ޔުނިފޯމަށް ބަދަލު ގެނައުމަށް އެންމެ މަދުވެގެން ވެސް 900 މިލިއަން ހަރަދުވާނެ ކަމަށެވެ. އަދި ބެލެނިވެރިންގެ އަތުން 80 މިލިއަނަށް ވުރެ ގިނައިން ފައިސާ ނަގައި، އެ ފައިސާ ފޮތި ފިހާރަތަކަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. "ޔުނިފޯމް ބަދަލުކުރުމަކީ ހަރަދު ބޮޑު ބޭކާރު ކަމެއް. މިހާރުވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން،" ނަޝީދު ވިދާޅުވި އެވެ. ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމަށް ގެނައި މައިގަނޑު އެންމެ ބޮޑު ބަދަލަކީ ރަސްމީ ޔުނީފޯމުގެ ކުލައެއްގެ ގޮތުގައި މިހާރު ހަތަރު ކުލައެއް ކަނޑައެޅުމެވެ. އެއީ، ހުދާއި ސްކައި ބްލޫ އާއި ޓީ ގްރީން އާއި ލައިޓް ރެޑެވެ. ރަސްމީ ޔުނީފޯމުގެ ތިރި (ފަޓްލޫނާއި ސްކާޓާއި ސޯޓް)ގެ ކުލަ އަކީ ކަޅު ނޫނީ ނޭވީ ބްލޫ އެވެ. މި ގެނައި ބަދަލުގައި ކުލަތައް އިހްތިޔާރު ކުރުން ދޫކޮށްލާފައި ވަނީ ސްކޫލުތަކަށެވެ. ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމުގެ މަތި އެ ސްކޫލެއްގެ ކުލައިން ލެވޭއިރު ތިރިންލާން ބޭނުން ކުރެވެނީ ޑިޒައިނެއް ނެތް ކަޅުކުލައިގެ ޓްރެކްސޫޓެކެވެ. ބުރުގާ އަޅާ ދަރިވަރުންނަށް ޔުނީފޯމު ކުލައިގެ ގަދަ ކުލައެއް ބުރުގާއަށް ބޭނުން ކުރެވޭނެ އެވެ. އެއީ ނޭވީ ބްލޫ، ރޯޔަލް ގްރީން ޑާކް ރެޑް ނުވަތަ ހުދު ކުލަ އެވެ. ނޫނީ ފަޓުލޫނު ނުވަތަ ސްކާޓް ކުލައިގެ ބުރުގާ ބޭނުން ކުރެވޭނެ އެވެ.

މައުޟޫޢުތަށް