އޮކްޓޫބަރުގެ ނިޔަލަށް 65،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފި

އަވަސް

7 ޑިސެމްބަރު 2025 | އާދިއްތަ | 8:45

ރާއްޖެއިން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 65،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފި އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއިން 65،467 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. މިއީ ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 33،968 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 31،499 މެޓްރިކް ޓަނު އިތުރުވުމެކެވެ. ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ. އެ ގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް 50،564 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރީ 19،557 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ. ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި މި އަހަރު 7،534 މެޓްރިކް ޓަނުގެ މަސް ބޭރުކުރިއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 5،067 މެޓްރިކް ޓަނުގެ މަސް ބޭރުކުރި އެވެ.

މައުޟޫޢުތަށް