އަންދާޒާކުރި އާމްދަނީގެ 87 ޕަސެންޓް ލިބިއްޖެ
އަވަސް
7 ޑިސެމްބަރު 2025 | އާދިއްތަ | 10:57
ދައުލަތަށް މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ 87.8 ޕަސެންޓް ލިބިއްޖެ އެވެ.
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް 39.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 34.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ލިބުނު އާމްދަނީ ވަނީ 10 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 31.7 ބިލިއަން ރުފިޔާ އެވެ.
ދައުލަތަށް މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. އެ ގޮތުން ޖީއެސްޓީގެ ގޮތުގައި 14.3 ބިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ، ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.