މާލޭން ގޯތި ދޫކުރުމުގައި ލުއިތަކެއް ދެނީ

އަވަސް

7 ޑިސެމްބަރު 2025 | އާދިއްތަ | 11:45

މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރެވޭނީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވުމުން ކަމަށް ކަނޑައަޅާފައިވާ ޝަރުތަށް ލުއި ދިނުމާ މެދު ވިސްނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މާލޭގައި ފެށުނީއްސުރެ ދިރިއުޅެމުން ދިޔަ އެއްބަނޑު އެއްބަފާ ހަ ބެއިންގެ މަންމައަށް މާލޭގެ އާއިލީ ގޯތި ބަހައިގެން މަންމައަށް ބިމުން ބައެއް ނުލިބުމާ ގުޅިގެން އެ ކުދިން އައްޑޫ ސިޓީގެ ރަޖިސްޓަރީގައި ޖެހިފައި ވަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ހުޅުވާލި ބިންވެރިޔާ ސްކީމަށް ކުރިމަތިލައިގެން ގޯތި ނުލިބުމުންނެވެ. އެ މީހުންނަށް އޭރު ގޯތި ނުލިބުނީ އެމީހުން އައްޑޫއަށް 2022 ވަނަ އަހަރު ރަޖިސްޓަރީ ބަދަލުކޮށްފައި އަލުން މާލޭގައި ޖެހުނު ފަހުން ފަސް އަހަރު ވެފައި ނުވާތީ ކަމަށް ބުންޏެވެ. އޭރު ގޯތި ލިބުމުގެ ޝަރުތެއްގެ ގޮތުގައި މާލޭގެ ރަޖިސްޓަރީގައި އޮންނަތާ ފަސް އަހަރުވުން ލާޒިމުކޮށްފައިވެ އެވެ.

އެ މީހުން ބުނީ މި ސަރުކާރުން މިދިޔަ މަހު އިއުލާންކުރި ގޯތި ސްކީމަށް ޝަރުތު ކަނޑައެޅި އިރުވެސް މާލޭގައި ރަށްވެހިވެފައިވާތާ ފަސް އަހަރު ވާންޖެހޭނެ ކަމަށް ކަނޑައަޅާފައި އޮތުމުން އެ މީހުންނަށް މިވެރިކަމުގައިވެސް އެ ގޯތިތަކަށް ކުރިމަތިނުލެވޭ ކަމަށްވެސް ބުންޏެވެ. އެމީހުންގެ ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން "ޕޮޒިޓިވް ނޯޓެއް"ގައި އެކަމާ ސަރުކާރުން ވިސްނާނެ ކަމަށެވެ. "އެއަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދީ، އެ މުއްދަތު ކުރުކޮށްދެވޭނެ އެންމެ ބޮޑަކަށް [ލުއިކުރެވިދާނެ]. އެ ހަމަ އެއްކޮށް އުވާވެސް ލެވިދާނެ. އެހެންވީމަ، އަޅުގަނޑުމެން ބަލާނަން އެއަށް ގެނެވޭނެ ބަދަލަކީ ކޮބައިތޯ،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް