ސިނގިރޭޓްތައް ގެއްލުނު މައްސަލައިގައި ފުލުހަކު ހައްޔަރުކޮށްފި
އަވަސް
8 ޑިސެމްބަރު 2025 | ހޯމަ | 8:00
ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓްތަކެއް ގެއްލުނު މައްސަލައިގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އދ. ދިގުރަށް، ޝަބުނަމީގެ، މުނައްވަރު އާދަަމް (39 އ)ވެ. ފުލުހުން ބުނީ މުނައްވަރަކީ ސީނިއަ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެއް ކަމަށާއި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ފުލުހުން މިދިޔަ ނޮވެމްބަރު 22 ވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސިނގިރޭޓްތަކެއް ގެއްލުނު މައްސަލަ ބަލަމުންދާ ކަމަށެވެ. މީގެ ތެރެއިން އެއް މައްސަލައަކީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ހުއްޓާ އޭގެ ތެރެއިން ހަ ކާޓަން ގެއްލުނު މައްސަލައެކެވެ. މި ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މި އަހަރުގެ މޭ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ. "މިތަކެތީގެ ތެރެއިން ހަ ކާޓަން ސިނގިރޭޓް މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް 2025 ނޮވެމްބަރު 12 ވަނަ ދުވަހު ބެލިއިރު،" ފުލުހުން ބުންޏެވެ. މީގެ އިތުރުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި، މިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓަން ސިނގިރޭޓް މަދުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން އިތުރަށް ބުނީ މި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ބަލަމުންދާ ކަމަށާއި މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓްތަކެއް ގެއްލިފައިވާއިރު ހުޅުމާލޭގެ އެމްޕީއެލް ބަނދަރުގައި ހުރި ދެ ކޮންޓޭނަރުގެ ސިނގިރޭޓްވެސް ވަނީ ބަޔަކު ވަގަށް ނަގާފަ އެވެ.