ފަޒުލްއަށް ދައުވާ ނުކުރަން ނިންމައިފި
އަވަސް
8 ޑިސެމްބަރު 2025 | ހޯމަ | 7:00
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ފަޒުލް ރަޝީދާއި އެ ކުންފުނީގެ އައިޓީ ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ގޮތުގައި ކުރިން ހުންނެވި އަބްދުﷲ ޝުހޫދުގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
ފަޒުލް އާއި ޝުހޫދުގެ މައްޗަށް ކުރީ ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާގެ ތެރެއިން ޑިލީޓްކޮށްފައިވާތީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ. ޕީޖީ އޮފީހުން މިއަދު ބުނީ އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސާވާ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. ފުލުހުންގެ ތަހުގީގު ރިޕޯޓުގައި ފަޒުލްއާއި ޝުހޫދު، އެޗްޑީސީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަހުގީގަށް ހޯދިފައިނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ. އެހެންވެ ފަޒުލްއާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާތީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ފަޒުލްއަށް ކުރެވުނު ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.