ހައިކޯޓު ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވައިފި
އަވަސް
9 ޑިސެމްބަރު 2025 | އަންގާރަ | 8:00
ހައިކޯޓުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު މިއަދު ރިޓަޔާކުރައްވައިފި އެވެ.
ޝަރުއީ ދާއިރާގައި 23 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ނިޔާޒު ރިޓަޔާކުރެއްވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ. އެކަމަކު ރިޓަޔާ ކުރެއްވުމަށް ނިންމެވީ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކަމަށް އެނގިފައިވެ އެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވުމަށް މިދިޔަ މަހު ހުށަހެޅުއްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ނިޔާޒު ވަނީ ޖޭއެސްސީގެ ނައިބް ރައީސް ކަމުންނާއި އެ ކޮމިޝަންގެ މެންބަރު ކަމުންވެސް އިސްތިއުފާ ދެއްވާފަ އެވެ. ޖޭއެސްސީގެ މެންބަރުކަން ނިޔާޒު ކުރެއްވީ ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުންނެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމުން ނިޔާޒު ރިޓަޔާކުރެއްވިއިރު އޭނާއާ ގުޅޭ ސުލޫކީ ފަސް މައްސަލައެއް ޖޭއެސްސީ އިން ދިޔައީ ބަލަމުންނެވެ.
ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ނިޔާޒު، ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ ޖެނުއަރީ 25، 2018 ގައެވެ. ނިޔާޒު ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެ އެވެ. ވައިކަރަދޫ މެޖިސްޓްރޭޓް ކަމަށް ނިޔާޒު އައްޔަންކުރި ސެޕްޓެމްބަރު 30، 2002 ގައެވެ. ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރެއްވީ 23 އަހަރު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ. މީގެ އިތުރުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ މެންބަރުކަމާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނައިބް ރައީސްކަންވެސް ނިޔާޒު ކުރެއްވި އެވެ.