ނަޒާހަތްތެރި ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނާނެ: ރައީސް
އަވަސް
9 ޑިސެމްބަރު 2025 | އަންގާރަ | 10:00
ގައުމުގެ މުސްތަގުބަލް ބިނާކުރުމުގައި ދިވެހިރާއްޖެ ސާބިތުވެ އޮތީ ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް ހާއްސަަ އަހަންމިއްޔަތު ކަމެއް ދޭ ގައުމެއްގެ ގޮތުގައި ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަކުރާރު ކުރައްވައިފި އެވެ.
ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު މިއަދު ފޮނުއްވި މެސެޖުގައި، 2007 ވަނަ އަހަރު އދގެ ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީއޭސީ)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، މިކަމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. މި މުއާހަދާގެ އުސޫލުތައް ދެފުށް ފެންނަ ގޮތެއްގައި ދަމަހައްޓަން ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. މި މުއާހަދާގެ އުސޫލުތައް ހާމަކަން ބޮޑު އަދި ސާބިތުކަމާއެކު ނެގެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގައިވެސް ވިދާޅުވި އެވެ. ނިޒާމީ ކޮރަޕްޝަނުގެ ސަބަބުން ގާނޫނުގެ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްގީއަށް ހުރަސްއެޅި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި އެވެ. އަދި ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާ ކަމަށާއި، ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި، ސަރުކާރުގެ މުއާމަލާތްތަކުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ މަޝްރޫއެއް ކަމުގައިވާ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮޖެކްޓްގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލެއްވި އެވެ. އަދި ގާނޫނުލްއުގޫބާތަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެސެޓް ރިކަވަރީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ މުހިއްމު މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ނެޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނާއި، "ހިންމި" ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓް ތައާރަފްކުރުމާއި، ސަރުކާރުގެ މުއައްސަސާތަކަށް ތަމްރީނު ލިބިފައިވާ ހަރުދަނާ ފަންނީ މުވައްޒަފުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހާއްސަ އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދެވުން ހިމެނޭކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި އެވެ. އިޖުތިމާއީ ޒިންމާދާރުކަމާއި، ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި މަދަނީ ޖަމިއްޔާތަކާއި، ޔޫއެންސީއޭސީގެ ރިވިއު މެކޭނިޒަމުތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޝުކުރުވެސް އަދާކުރެއްވި އެވެ. ނަމަވެސް މިކަމުގައި ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކަކުން ފުއްދާލެވެން ނެތް ކަމަށާ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ކޮންމެހެން ބޭނުންތެރިކަމުގައި ރައީސް ވިދާޅުވި އެވެ. ރައީސްގެ މެސެޖު ނިންމަވާލެއްވީ ގައުމަށް އަމާނާތްތެރިވުމާއި، އިހްލާސްތެރިވުމާއި، ދެފުށް ފެންނަ އުސޫލުތައް ދެމެހެއްޓުމަކީ ގައުމުގެ އެންމެން ގުޅިގެން އަދާކުރަންޖެހޭ ވާޖިބެއްކަން ފާހަގަކުރައްވައި ނަޒާހަތްތެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކޮށް، ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމުކުރާ ގައުމެއްގެ ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ތަކުރާރު ކުރައްވާފަ އެވެ. ދެހާސް ތިންވަނަ އަހަރު އދގެ އާންމު މަޖިލީހުން ޔޫއެންސީއޭސީ ބަލައިގަތުމާ ގުޅުވައިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގައެވެ.