ޓައުންޝިޕް ހަދަން 790 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ހުއްދަ ދީފި
އަވަސް
9 ޑިސެމްބަރު 2025 | އަންގާރަ | 11:41
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު -- 12 ބިިލިއަން ރުފިޔާގެ ޓައުންޝިޕެއް ރާއްޖޭގައި ގާއިމުކުރުމަށް މިއަދު ފުރަތަމަ ފަހަރަށް ހުއްދަ ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބޯޑް އޮފް އިންވެސްޓްމެންޓްސްއިން، މީހުންނަށް ދިރިއުޅެވޭ ގޮތަށް ޓައުންޝިޕެއް ގާއިމުކުރުމަށް ހުއްދަ ދިނީ ކަމާ ގުޅޭ ޕްރޮޕޯސަލެއް ހުށަހެޅުމާ ގުޅިގެން ކްރިސްޓަލް ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެސްއީޒެޑްގެ ގާނޫނު ބުނާގޮތުން ސަސްޓެއިނަބްލް ޓައުންޝިޕަކީ ގާނޫނުގައި ބަޔާންކުރާ ސިފަތަކާއި ވަސީލަތްތަކާއެކު ގާއިމުކުރާ ލާޖް ސްކޭލް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތަށް އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާއެކު މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ކަމަށެވެ. ޓައުންޝިޕްގައި ފަތުރުވެރިންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ ކޮމްޕޮނެންޓަކާ އެކު އިގުތިސާދީ އިޖުތިމާއީ އެހެން ސެކްޓާތަކުގެ ވަސީލަތްތައްވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ. ރާއްޖެއިން ބޭރުކުރާ ކާބަން މަދުކުރުމުގެ ގޮތުން އެ ތަނުގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިކޮނިމިކް މިނިސްޓްރީން ބުންޏެވެ. ޓައުންޝިޕަށް ދެވުނު ހުއްދައާ އެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ މަޝްރޫއަކީ އިގުތިސާދީ ކުރިއެރުމަށް ކުރާ މަސައްކަތުގައި އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި އެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު ހާމަކޮށްދޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.