ކުރީ ސަރުކާރުން ފެށި މަސްވެރިކަމުގެ މަޝްރޫއުތައް ނިންމަން ގޮވާލައްވައިފި
އަވަސް
10 ޑިސެމްބަރު 2025 | ބުދަ | 2:07
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރީ ސަރުކާރުން ފަށާފައިވާ ބޮޑެތި މަޝްރޫއުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ސޯލިހު ވަނީ ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތައް ލަސްނުކޮށް ނިންމުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފަ އެވެ. އެއީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަކަންތައްތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސްދޭނެ ޕްރޮޖެކްޓްތަކެއް ކަމަށްވެސް ކުރީގެ ރައީސް ސޯލިހް ވިދާޅުވި އެވެ. ރައީސް ސޯލިހްގެ ޕޯސްޓްގައި ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސްވެރިންނާއި މަސްވެރި އާއިލާތަކަށް އަދި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އަރިސް ކުރައްވާފަ އެވެ.