ޕީއެސްއެމްގެ އެމްޑީއަކަށް ޝަކީއްބެ
އަވަސް
10 ޑިސެމްބަރު 2025 | ބުދަ | 3:53
ދައުލަތުގެ މީޑިއާ -- ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މަޝްހޫރު ޕްރެޒެންޓަރު އަހްމަދު ޝަކީބް (ޝަކީއްބެ) ހަމަޖައްސައިފި އެވެ.
ޝަކީއްބެއަކީ ޕީއެސްއެމްގެ ދަށުން ހިންގަމުން ގެންދާ ޓީވީއެމްގައި ޚަބަރު ހުށަހަޅައިދިނުމާއ، ޕްރޮގްރާމުތައް ހުށަހަޅައިދިނުމުގައި ގިނަ އަހަރުތަކަކު މަސައްކަތް ކުރެއްވެވި ބޭފުޅެކެވެ. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީއްބެ ހަމަޖައްސާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ނަސްރީން މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ތައުލީމީ ދާއިރާގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ ޝަކީއްބެ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވި ހަތަރުވަނަ ބޭފުޅާ އެވެ. މި ސަރުކާރުން އެންމެ ފުރަތަމަ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވީ ކުރީގެ ނޫސްވެރިޔާ ޒީނާ ޒާހިރެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް 24 ގައެވެ. އޭގެ ފަހުން ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަންކުުރީ އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދެވެ. އެމްޑީގެ މަގާމަށް މިދިޔަ އަހަރުގެ އޮގަސްޓް 25 ގައި ސައީދު އައްޔަންކޮށްފައި ވަނިކޮށް އިސްތިއުފާ ދެއްވީ އެ އަހަރުގެ ޑިސެންބަރު 17 ގައެވެ. ސައީދަށް ފަހު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސެވި އިބްރާހީމް ނަސްރީން މިހާރު ހުންނެވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައެވެ.