ތިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާ: ޗައިނާއިން 2.3 މިލިއަން ޑޮލަރުގެ އެހީ
އަވަސް
11 ޑިސެމްބަރު 2025 | ބުރާސްފަތި | 12:40
ސަރުކާރުގެ ތިން މިނިސްޓްރީއެއްގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޗައިނާ ސަރުކާރުން 2.3 މިލިއަން ޑޮލަރުގެ އެހީ ދީފި އެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން މި އެހީ ދިވެހި ސަރުކާރާ ހަވާލުކޮށް ދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮޮންގް ޒިންހުއާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެހީއާ ހަވާލުވެ ވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ޗައިނާ ސަރުކާރުން ދިން އެހީގެ ޕެކޭޖްގައި އަލިފާނުގެ ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެ އެވެ. އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި އެހީގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަލިފާނުގެ އެ ހާދިސާ ހިނގީ ޑިސެމްބަރު 12، 2024 ގަ އެވެ. އެ ދުވަހު ހެނދުނު ސަރުކާރުގެ ރަސްމީ ގަޑި ފެށުމުގެ ކުރިން ގާތްގަނޑަކަށް 6:30 ހާއިރު އަލިފާން ފުރަތަމަ ރޯވީ އޭރު ޓިނުން ހަދާފައި ހުރި ހައުސިން މިނިސްޓްރީ ގައެވެ. އޭގެފަހުން އަލިފާން ރޯވީ ހައުސިން މިނިސްޓްރީއާއި ޖެހިގެން ހުންނަ ކޮންސްޓްރަކްޝަން މިނިސްޓްރީ ގައެވެ. އަލިފާންގަނޑު އިތުރަށް ފެތުރި އިރުގަނޑެއް ފަހުން ދެން ރޯވީ އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގަމުން ދިޔަ ގްރީން ބިލްޑިން ގައެވެ.