ނުކުޅެދުންތެރިކަން ހުރި 30 މީހަކަށް ސްޓެލްކޯއިން ވަޒީފާ ހަމަޖައްސައިދީފި
އަވަސް
11 ޑިސެމްބަރު 2025 | ބުރާސްފަތި | 2:59
ނުކުޅެދުންތެރިކަން ހުރި 30 މީހަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދީފި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ މީހުންނަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހަމަޖައްސައިދެވުނު ވަޒީފާގެ ފުރުސަތުތަކެކެވެ. ސްޓެލްކޯއިން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދެވުނު 30 މުވައްޒަފުންނަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އާއި ސްޓެލްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ ޢާއިލާއާއި ގައުމަށް އެކަމުގައި އެތައް ގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް ކަމަށެވެ. އެ ކަމަނާގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ނެރުމަކީ ސިއްހީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެ ކަމެއްކަން ފާހަގަކުރެއްވި އެވެ.