ސިނގިރެޓް ކޮންޓެއިނާ މައްސަލަ: އާއްޓޭ އާއި ދިގަލި ބަންދުން ދޫކޮށްލައިފި
އަވަސް
11 ޑިސެމްބަރު 2025 | ބުރާސްފަތި | 5:11
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
ރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް މިއަހަރުގެ އެޕްރީލް 26 ވަނަ ދުވަހު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ހުއްޓައި ވަގަށް ނަގާފައިވާ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލާގައި ދައުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ އަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދައުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިއާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު މި މިއަދު މުރާޖައާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެގޮތުން މި ކުށުގެ އަމަލު ރޭވި ކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދާއި، މއ. އެވަގްލޯރީ، އަހުމަދު އާރިފް އަދި ކޮންޓެއިނާ ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި މުހައްމަދު ވަހީދާއި އަހުމަދު އާރިފް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމީ އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށްވާއިރު މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ އެވެ. ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމީ އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށްވެސް އެ ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. ޕީޖީ އޮފީޙުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ކ. މާލެ، ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފަކީ މި މައްސަލަ އެ އޮފީހަށް ހުށަހެޅުނުއިރު ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖައާކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ އެ މީހުންގެ ބަންދު މުރާޖަޢާކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމި ސަބަބަކީ އެމީހުންނަކީ މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެ ތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީ އެވެ.