މައުރޫފާއި މަސްވެރިން ހައްޔަރުކުރުން އެމްޑީޕީން ކުށްވެރިކޮށްފި

އަވަސް

12 ޑިސެމްބަރު 2025 | ހުކުރު | 8:44

މަސްވެރިންގެ އިހުތިޖާޖަށް ހުރަސް އަޅައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާއި މަސްވެރިންތަކެއް ހައްޔަރުކުރުން އެމްޑީޕީން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން ރޭ ނެރުނު ބަޔާނުގައި ވަނީ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދިވެހި މަސްވެރިންގެ އިސްނެގުމުގެ މަތިން މާލެ ސަރަހައްދުގެ ކަނޑުމަތީގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ބާރުގެ ބޭނުންކޮށްގެން ރޫޅާލާ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާއި މަސްވެރިންތަކެއް ހައްޔަރު ކުރި ކުރުން ކުށްވެރިކޮށްފަ އެވެ. ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަށާއި ދިވެހި މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި އިހުތިޖާޖަށް ހުރަސް އަޅައި، އިހުތިޖާޖުގެ ބައެއް ބައިވެރިން ފުލުހުން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ. އެމްޑީޕީގެ ބަޔާނުގައި ވަނީ މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ބާރުގެ ބޭނުންކޮށްގެން ފުލުހުން ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ. އިހުތިޖާޖުން މެންބަރު މައުރޫފު ޒާކިރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށް ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އެމްޑީޕީގެ ބަޔާނުގައި ބުނީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާތީއާއި ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ދެކޮޅަށް ސުލްހަވެރިކަމާއެކު މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން މެދުވެރިކޮށް ހުރަސް އަޅައި، ބާރުގެ ބޭނުންކޮށްގެން އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރުކޮށް އިހުތިޖާޖުގައި ބައިވެރިވަމުން ދިޔަ ބައެއް އޮޑި ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބިރު ދައްކާ މިސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ފާޑު ކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ.

މައުޟޫޢުތަށް