"ކުށްތަކަށް އަރައިގަންނަން މީހުން ޖެހިލުންވާން ފަށައިފި"

އަވަސް

12 ޑިސެމްބަރު 2025 | ހުކުރު | 6:00

ފުލުހުންގެ މަރުކަޒުތައް ރަށްރަށުގައި ގާއިމުކުރާތީ ކުށްތަކަށް އަރައިގަންނަން މީހުން ޖެހިލުންވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ރ. މާކުރަތުގައި ޕޮލިސް ސްޓޭޝަނެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ހުޅުވުމަށް ރައްޔިތުންނަށް ލިބޭ ފައިދާތަކެއް ހުންނަ ކަމަށެވެ. ވަކިން ހާއްސަކޮށް ކުށުގެ ވެއްޓަށް އަރައިގަންނަން ބޭނުންވާ އަދި ކުށުގެ ވެއްޓަށް އަރައިގަންނަމުންދާ މީހުން އެކަމުގެ ސަބަބުން ޖެހިލުންވާ ކަމަށްވެސް ވިދާޅުވި އެވެ. "ފުލުހުންގެ މަރުކަޒެއް ކައިރީގައި ފެންނަން ހުރުމުން ހިތަށް އެ ބިރުވެރިކަން އަންނާނެ. އަދި ހަމައެއާއެކު އެމީހުން ކުށުގެ މާހައުލުން ދުރުކުރުމަށްޓަކައި ފުލުހުންނަށް ގާތުން މަސައްކަތް ކުރެވެން ފެށޭނެ،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަރުކަޒުތަކާ އެކު ކުށުގެ ވެށިން މީހުން ދުރުކުރުމަށްޓަކަިއ ކުރަންޖެހޭ މަސައްކަތްތައް އަވަހަށް ކުރެވިގެންދާނެ ކަމަށެވެ. ރާއްޖޭގައި އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ގޭންގް މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލައާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް މިސަރުކާރުން ބޮޑު އިސްކަމެއް ދީ، އެކަމުގެ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށްވެސް އިހްސާން ވިދާޅުވި އެވެ.

މައުޟޫޢުތަށް