ދުވާފަރު ހިއްކި ބިމުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުން އެމްޑަބްލިއުއެސްސީއަށް
އަވަސް
13 ޑިސެމްބަރު 2025 | ހޮނިހިރު | 12:23
ރ. ދުވާފަރު ހިއްކި ބިމުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފި އެވެ.
ޑިޒައިން ބިލްޑް އުސޫލުން ދުވާފަރުގެ ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ. މިމަޝްރޫއުގެ ދަށުން ދުވާފަރުގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ގާއިމު ކުރެވިފައިނުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި، ގޭގޭ ގައި ނަރުދަމާ ޖަންކްޝަނާއި ފެން މީޓަރު ބަހައްޓައި، ގޭގެއަށް ފެނާއި ނަރުދަމާ ގެ ކަނެކްޝަން ގުޅައިދޭނެ އެވެ. މީގެ އިތުރުން ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ސީއައުޓްފޯލް އެއް އެޅުމާއި އަދި މިހާރު ދުވާފަރުގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރާ ދެ ތަންގީ ބަހައްޓާނެ އެވެ. ހައުސިން މިނިސްޓްރީން މި މަޝްރޫއު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 70.8 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫއުގެ މަސައްކަތްތައް ނިމުމުން ދުވާފަރުގައި އަލަށް ހިއްކާ ސަރަޙައްދުގައި ރައްކާތެރި ސާފު ބޯފެނާއި، ނަރުދަމާގެ ހިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފަ އެވެ.