އެމްޑަބްލިޔުއެސްސީ އިން "އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ޕްރޮގްރާމް އިފްތިތާހުކޮށްފި
އަވަސް
13 ޑިސެމްބަރު 2025 | ހޮނިހިރު | 7:10
އިރުން ހަކަތައިން ކަރަންޓު އުފައްދާ ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ގެ ނަމުގައި ޕްރޮގްރާމެއް އެމްޑަބްލިޔުއެސްސީ އިން އިފްތިތާހުކޮށްފި އެވެ.
މި ޕްރޮގްރާމް އިފްތިތާހްކޮށް ދެއްވީ މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު އެވެ. އެމްޑަބްލިޔުއެސްސީ އިން ބުނި ގޮތުގައި "އިރުން ހަކަތަ: ދުވާފަރު ސޯލާ ހޯމް" ޕްރޮގްރާމްގެ އަމާޒަކީ ދުވާފަރު ގޭބިސީތަކަށް އިއާދަކުރަނިވި ހަކަތައިގެ މަންދާ ލިބިދީ ކަރަންޓު ބިލު ކުޑަކުރުމަށް މަގުފަހި ކުރުމެވެ. އެ ގޮތުން ދުވާފަރުގައި އުފައްދާ ކަރަޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް 2026 ގެ ނިޔަލަށް ހަދައި ޑީސަލް އަންދާ މިންވަރު ދަށްކޮށް ޖައްވަށް ބޭރުކުރެވޭ ދުމުން ދުވާފަރުގެ ތިމާވެށި ރައްކާތެރިކުރެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފަ އެވެ. އެމްޑަބްލިޔުއެސްސީން ބުނީ މިއަދު އިފްތިތާހު ކުރީ މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކަމަށާއި މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދުވާފަރު ގޭބިސީތަކުގައި ހަރުކުރާ ސޯލާ ޕީވީ ނިޒާމުތަކަށް އިންސްޓޯލްމަންޓަށް ގޭބިސީން ފައިސާ ދައްކާ ގޮތަށް ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން އަވިން ހަކަތަ އުފައްދާ ނިޒާމުތައް ހަރުކުރާ ގޭބިސީތަކަށް ބިލުކުރާނީ ނެޓް މީޓަރިން އުސޫލުގެ ދަށުންނެވެ. އެ ގޮތުން މި އުސޫލުގެ ދަށުން ބިލު ކުރާނީ ގޭބިސީއެއްގައި ބޭނުންކުރި ކަރަންޓު ޔުނިޓުގެ އަދަދު ސޯލާ ޕީވީ ނިޒާމުން އުފެެއްދި އަދަދު އުނިކުރުމުން ބާކީވާ ޔުނިޓުތަކަށެވެ. ކަރަންޓު ބިލުން އުނިވާ އަދަދު އިންސްޓޯލްމަންޓް އުސޫލުން ގަނެފައިވާ ޕީވީ ނިޒާމުގެ އަގު ހަމަވަންދެން ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި ހިމަނާއިރު މިއީ ސޯލާ ނިޒާމު ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއްކަން އެމްޑަބްލިޔުއެސްސީން ފާހަގަކުރެ އެވެ. "އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ޕްރޮގްރާމަށް ޝައުގުވެރިވާ ދުވާފަރު ރައްޔިތުންނަށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އަދި މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތުވެސް ޕޯޓަލުން ލިބޭނެ އެވެ. ދުވާފަރަކީ އެމްޑަބްލިޔުއެސްސީން ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު އަދި ވޭސްޓް މެނޭޖުމަންޓްގެ ހިދުމަތް އިންޓެގްރޭޓަޑް މޮޑެލްއެއްގެ ދަށުން ފޯރުކޮށްދޭ ހަމައެކަނި ރަށެވެ.