މަސްވެރިކަމަށް އެންމެ ބޮޑު އިންވެސްޓެއް ކުރީ މިސަރުކާރުން: ޝިޔާމު
އަވަސް
13 ޑިސެމްބަރު 2025 | ހޮނިހިރު | 10:00
މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއަށް އެއްވެސް ސަރުކާރަކުން ނުކުރާ ވަރުގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް މިސަރުކާރުން ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ރ. ދުުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ދާއިރާއަށް އަޅާނުލެވި އެ ދާއިރާ އޮތީ ވަރަށް ނާޒުކު ހާލަތުގައި ކަމަށެވެ. "ހަގީގަތަކީ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރަން ދުރު ވިސްނުމެއް ކުރީގެ އެއްވެސް ސަރުކާރަކުން ގެންގުޅެފައެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ. ޝިޔާމު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ނިމިދިޔަ ސަރުކާރުން ޒިންމާދާރުކޮށް ނިންމާފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން މިސަރުކާރަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާ އަށް ބޮޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށްވެސް ވިދާޅުވި އެވެ. "އެ އަގުގައި މަސް ގަންނަމުން ދިޔަ ނަމަ ސަރުކާރުން މިފްކޯއަށް އަހަރަކު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހި އަމިއްލަ ކުންފުނިތައް ބަނގުރޫޓުވުމާ ހިސާބަށް ދާނެ،" ޝިޔާމު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކެއް ހައްލު ހޯދައިދޭނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކަމަށެވެ. މިސަރުކާރުން ކުރި މަސައްކަތުން 4.5 ބިލިއަން ރުފިޔާގެ މަޝްރޫއުތައް މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއަށް ފަށާފައިވާ ކަަމަށްވެސް ވިދާޅުވި އެވެ. އެ މަޝްރޫއުތައް ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. ޝިޔާމު އިތުރަށް ވިދާޅުވީ މިފަސް އަހަރު ނިމޭއިރު ރާއްޖޭގައި އެއްފަހަރާ 25،000 ޓަނު މަސް ރައްކާކުރުމުގެ ގާބިލްކަން ހުންނާނެ ކަމަށެވެ. މި ފަސް އަހަރު ނިމިގެންދާއިރު މަސްވެރިންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.