މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ މުހިއްމު ސިޔާސަތެއް: ރައީސް

އަވަސް

13 ޑިސެމްބަރު 2025 | ހޮނިހިރު | 11:00

މަސްވެރިކަމުގެ ސިނާއަތަކީ ހަގީގީ މާނައިގައި ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްވެރިކަމަކީ ދިވެހީންގެ ޝަޚުސިއްޔަތާއި ގައުމިއްޔަތާ ގުޅިލާމެހިފައިވާ ސިނާއަތެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ދިވެހި މަސްވެރިކަން އާލާކޮށް ކޮޅަށްޖަހައި، އިތުރަށް ތަރައްގީ ކުރުމަށްޓަކައި ހަ ދާއިރާއަކުން ކަނޑައަޅާފައިވާ ހަ ސިޔާސަތެއްގެ މައްޗަށް ބިނާކުރައްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. މިގޮތަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން މާދަމާއިން ފެށިގެން މިފްކޯ އިން މަސް ގަންނާނީ ދޮޅު ކިލޯ މަހުގެ ބަދަލުގައި އެއް ކިލޯ އާއި އެއަށްވުރެ ބަރުކޮށް ކިރާ މަހަށް އެންމެ މަތީ އަގު ދޭގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހަމަ މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް ކަމަށްވެސް ވިދާޅުވި އެވެ. ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އިތުރު 200 ފަރާތަކަށް އާރްއެސްޑަބްލިއު ލޯން ދޫކުރުމަށް ހުޅުވާލާފައިވާކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރާ ޕްރޮސެސިން ކާރުޚާނާތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ. އަދި ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދަވައި، ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގައި އަންނަ މާޗް މަހުގެ ނިޔަލަށް ފިއުލް ސްކިޑްތައް ގާއިމުކޮށް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ގަންނަ އަގުކަން ފާހަގަކުރައްވައި އެކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަނީ ފަރުވާތެރިކަމާއެކު ދުރުރާސްތާއަށް ވިސްނަވާވަޑައިގެން އަދި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނޭ ގޮތަކަށް ކަމަށެވެ. މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމުވެސް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެއްސެވުމަށްޓަކައި އިތުރު މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ހުޅުމާލޭގައި ގާއިމުކުރާ ފެސިލިޓީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބަށް ބައްލަވާއިރު ދާދި އަވަހަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވިދާޅުވި އެވެ. އެންމެ ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ މަސްވެރިކަމުގެ ސިނާއަތަކީ ހަމައެކަނި ދިވެހީން މަސައްކަތްކުރާ ސިނާއަތަކަށް ވާނޭ ދުވަސް ކަމަށް ވިދާޅުވެ، ދިވެހި ޒުވާނުން މި ދާއިރާއަށް ނެރޭ ފަރާތްތަކާއި، އޮޑިފަހަރުގައި ހަމައެކަނި ދިވެހި ފަޅުވެރިން ގެންގުޅޭ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ގައުމީ ފެންވަރެއްގައި އެ ފަރާތްތަކުގެ އަގުވަޒަންކުރައްވާނޭ ކަމަށްވެސް ވިދާޅުވި އެވެ. ރައީޚސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ނަގާ ކޮޅަށްޖެހުމަށް ވޭތުވެދިޔަ ދެ އަހަރު ކުރެވިފައިވާ މަސައްކަތްތަކަކީ މިއަދު ތަފާސްހިސާބުތަކުން ފެންނާން ހުރި ހަގީގަތްތަކެއް ކަމަށެވެ. މި ސިނާއަތް ކުރިއެރުވުމަކީ ފަރުދީ އަދި ޖަމައީ ތަރައްގީއަށް ކުރެވޭ ގައުމީ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި، ގައުމީ ވިސްނުމާ ދެކޮޅު ސިޔާސީ އޮއިވަރުގައި ނުޖެހި، އެންމެން އެކުގައި މަސައްކަތް ކުރުމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

މައުޟޫޢުތަށް