ބޮޑުތަކުރުފާނު މަގު ހަދަން ނޯތު ހާބަރުގައި ހުރި އުޅަނދުތައް ނަގަނީ
އަވަސް
14 ޑިސެމްބަރު 2025 | އާދިއްތަ | 2:16
މާލޭ ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން ތަރައްގީ ކުރުމުގެ މަޝްރޫއަށް ނޯތު ހާބަރުގައި ހުރި ބައެއް އުޅަނދުތައް ނަގަން އަންގައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޑިޒައިން އެންޑް ބިލްޑް ކޮންޓްރެކްޓް ފޯ ދަ ޑިވެލޮޕްމަންޓް ނޯތު ބޮޑުތަކުރުފާނުމަގު - ފޭސް 2 ޕްރޮޖެކްޓްގެ މަސައްކަތް މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެން ދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސެގްމެންޓަކަށް ބަހާލައިގެންނެވެ. މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ނޯތުހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރު ހިމެނޭ ސަރަހައްދެކެވެ. އެގޮތުން މަސައްކަތް ކުރާ ސަރަހައްދުގައި ހުންނަ އުޅަނދުތައް ނަގަންޖެހޭ ސަރަހައްދު އަންގައި ދިނުމުގެ ގޮތުން ވާޓާރުގައި މާކް ޖަހާފައިވާ ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ. ފުރަތަމަ ސެގްމެންޓުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަރަހައްދުގައި މިހާރު ހުރި އުޅަނދުތައް މިމަހުގެ 19 ވަނަ ދުވަހުގެ މެންދަމު 12:00 ނިޔަލަށް ނެގުމަށް އެމްޕީއެލުން ވަނީ އެދިފަ އެވެ.