ތައިލެންޑްގައި އުފައްދާ ތިން ބޭހަކަށް ސަމާލުވުމަށް އެދިއްޖެ

އަވަސް

14 ޑިސެމްބަރު 2025 | އާދިއްތަ | 2:26

ތައިލޭންޑްގެ އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރިކަން އެނގުމާ ގުޅިގެން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ސަމާލުވާންޖެހޭ ތިން ބޭހަކީ މެޓްފޯމިން ހައިޑްރޮކްލޮރައިޑާއި، ރެނިޓިޑީން އަދި ވިޓަމިން އޭ ޔޫއެސްޕީ 200،000 އައިޔޫ އެވެ. އެމްއެފްޑީއޭ އިން ބުނީ ތައިލޭންޑުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ކުރި ތަހުލީލުތަކުން ބައެއް ބޭސްތަކުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެންޑީއެމްއޭ ހުންނަން ޖެހޭ މިންގަނޑަށް ވުރެ އިތުރަށް ހުރި ކަމަށް، ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އެ އޮތޯރިޓީއަށް އަންގާ އެކަން ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ތައިލޭންޑްގެ ތިން ބޭހަކަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން އެދުނު ނަމަވެސް އެ ބްރޭޑްތަކުގެ ބޭސް ރާއްޖެ އިމްޕޯޓްކޮށްފައި ނުވާ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ. އެމްއެފްޑީއޭ އިން ބުނީ ތައިލޭންޑަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ދާ ގައުމަކަށްވެފައި އަދި ބައެއް މީހުން އަމިއްލަ ބޭނުންތަކަށް ތައިލެންޑުން ބޭސް އެތެރެކުރާތީ އެކަމަށްވެސް ސަމާލުވާންޖެހޭ ކަމަށެވެ. އެމްއެފްޑީއޭ އިން އިތުރަށް ބުނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގެ ޕޯޓްތަކުން އެތެރެކުރާ ބޭސްތައް ހާއްސަ ސަމާލުކަމެއް ދީގެން ބަލައި ފާސްކުރާނެ ކަމަށެވެ.

މައުޟޫޢުތަށް