ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ޑިޒައިންކުރަން ބަޔަކާ ހަވާލުކޮށްފި
އަވަސް
15 ޑިސެމްބަރު 2025 | ހޯމަ | 12:44
ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް އެވެ. އީޕޯޗް އެސޯސިއޭޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާވިޔަތް އަބްދުއްސައްތާރު އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ނިމުމާއެކު އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވި އެވެ. ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން، އެރައިވަލް ހޯލް މިހާރަށްވުރެ ބޮޑުކޮށް އެރައިވަލް ބެލްޓް އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ޑިޕާޗާ ގޭޓު އިތުރުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.