ސިނގިރޭޓް ވައްކަން: 10 މީހަކަށް ދައުވާކޮށްފި

އަވަސް

15 ޑިސެމްބަރު 2025 | ހޯމަ | 10:00

ރާއްޖެއަށް ވަގަށް އެތެރެކުރުމާ ގުޅިގެން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 10 މީހަކަށް ދައުވާކޮށްފި އެވެ.

ވަގަށް ނެގި ސިނގިރޭޓް ތަކަކީ ދިވެހިރާއްޖެއަށް މިއަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު ސިއްރުން އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ސިނގިރޭޓް ތަކެކެވެ. ސިނގިރޭޓްތައް ހުރި ކޮންޓްއިނާތައް ބަހައްޓާފައި ހުރީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައެވެ.

ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފާއި، ހ. ނިއުހެޕިނަސް، މުއާޒު އަލީއަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމުގެ ދައުވާއާއި ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ދައުވާއާއި، ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާވެސް އުފުލާފައިވެ އެވެ. ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަހްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަހްމަދު ފިރުސާންގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމުގެ ދައުވާއާއި ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާވެސް ކުރެ އެވެ. ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދުގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި، ވައްކަންކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެއިތުރުން ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަޙްމާން އާއި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަލަމިން މިއާގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ދައުވާއާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މައުޟޫޢުތަށް