ރައްޔިތުން ބޭނުމީ ރައްކާތެރިކަން، އެކަންކުރެވޭނީ ފުލުހުންނަށް: އިހްސާން

އަވަސް

15 ޑިސެމްބަރު 2025 | ހޯމަ | 11:00

ކޮންމެ ފުލުހަކުވެސް އެންމެ ބޮޑަށް މަސައްކަތް ކުރަންވާނީ ރައްޔިތުން އެދޭ މިންވަރަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށާއި އެކަން ކޮށްދެވޭނީ ފުލުހުންނަށް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމު ފުރިހަމަ ކުރި ފުލުހުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ރާއްޖޭގައި ބޮޑެތި ކުށްތަކެއް ބައެއް ފަރާތްތަކުން ކުރަމުންދާތީ ފުލުހުންގެ މަސްއޫލިއްޔަތަކަށް ވާނީ އެފަދަ ކުށްތައް ހުއްޓުވައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އިހްސާން ވިދާޅުވީ ފުލުހުންނާ ގުޅުންހުރި ސަރުކާރުގެ ވަރަށް މުހިއްމު މައިގަޑު 4 ސިޔާސަތެއް ތަންފީޒު ކުރަމުންދާ ކަމަށާއި އެކަމުގައި ކޮންމެ ފުލުހެއްގެ ވާޖިބާއި މަސްއޫލިއްޔަތެއްވާ ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ވަބާ ރާއްޖެއިން ނައްތާލުމާއި، ގޭންގް ހަދައިގެން ކުށްކުރާ ގްރޫޕްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް މުޖުތަމައު އަމާންކުރުމާއި، ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ އިތުރުން ކުށުގެ މާހައުލުން ކުޑަކުދިން ސަލާމަތްކުރުމެވެ. "މިކަންކަމަށް ސަރުކާރުން ބޭނުންވަނީ 70 ޕަސަންޓާއި 80 ޕަސަންޓުގެ ހައްލެއް ނޫން. 100 ޕަސަންޓުގެ ހައްލެއް ބޭނުމީ،" އިހްސާން ވިދާޅުވި އެވެ.

ފުލުހުންނަކީ ނުރައްކާތެރި ހާލަތްތަކާވެސް ކުރިމަތިލާންޖެހޭ ބައެއް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކޮންމެ ހާލަތެއްގައިވެސް ބޭނުންވަނީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. ރައްކާތެރިކަމުގެ އިހްސާސް ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް އޮންނަން ބޭނުންވާނެ ކަމަށާއި ރައްޔިތުން އެދޭ މާހައުލު ގާއިމުކޮށްދިނުމަކީ ފުލުހުން އަދާކުރާ ގައުމީ ވާޖިބެއް ކަމަށްވެސް ވިދާޅުވި އެވެ. "ރިޝަވަތުގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނުމުގައި ފުލުހުން ސާބިތުވާންޖެހޭ. މަގާމުގެ ކުރިއެރުންތަކާއި، ތަފާތު މާލީ މަންފާތައް ހޯދައިދިނުމުގެ ހުށަހެޅުންތައް އަންނާނެ. މިފަދަ ބަލިމަޑުކަމެއްގައި ނުޖެހުމަށް ފުލުހުންނަށް ނަސޭހަތްތެރިވަން،" މިނިސްޓަރު ވިދާޅުވި އެވެ. އިހްސާން ވިދާޅުވީ ފުލުހުންގެ ހިދުމަތް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ގާއިމުކުރެވިފައިވާތީ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ކޮންމެ ރަށެއްގައިވެސް ފުލުހުންގެ އަމިއްލަ މަރުކަޒުތަކެއް ގާއިމުކުރުމަށް ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން 140އަށް ވުރެ ގިނަ ރަށުގައި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް