އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން 3 ކޮޓަރީގެ ފްލެޓް ދެނީ
އަވަސް
16 ޑިސެމްބަރު 2025 | އަންގާރަ | 11:55
ސަރުކާރުން ކުރިއަށް ގެންދާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ސްކީމަކުން ކުރިން އެއް ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ މީހުންނަށްވެސް މީގެފަހުން ހައުސިން ސްކީމްތަކަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ މިކަން އިއުލާންކުރެއްވީ ގަލޮޅު އަވަށުގެ ރައްޔިތުންނާ އެކު އެމަނިކުފާނު މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ރައީސް ވިދާޅުވީ މީގެކުރީގެ ހައުސިން ސްކީމަކުން އެއް ކޮޓަރީގެ އެޕާޓަމަންޓް ލިބިފައިވާ މީހުންނަށް ފަހުން ހުޅުވާލާ ހައުސިން ސްކީމުތަކަށް ކުރިމަތި ނުލެވޭ ގޮތަށް އޮތުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވާތީ އެކަމަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. "3 ކޮޓަރި ފްލެޓަށް ދެވޭ ގޮތަށް އެ އުސޫލު އެވަނީ މިގޮތަށް ބޭއްވުނު ބައްދަލުވުންތަކުގެ ތެރެއިން ރައްޔިތުން ހުށަހެޅި ޚިޔާލު ބަލައިގަނެވި އެބަދަލު ގެނެސްދީފައި، އެއްކޮޓަރީގެ ފްލެޓު ލިބިގެން ތަންކޮޅެއް ކުރީ ޒަމާނެއްގައި ފްލެޓު ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެ. ކުރިމަތިލައި ހޮވިއްޖިއްޔާ އެތަން ދޫކޮށްލާފައި ލިބޭ ތަނަށް ދެވޭ ގޮތަށް އެވަނީ އުސޫލަށް އިސްލާހު ގެނެވިފައި،" ރައީސް ވިދާޅުވި އެވެ. މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު މިހާރު ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގައިވެސް، އެއް ކޮޓަރި ލިބިފައިވާ މީހުންނަށް ހައުސިން ސްކޭމްތަކަށް ކުރިމަތި ނުލެވޭ ގޮތަށް އޮތުމަކީ އެތައް ބަޔަކު ކަންބޮޑުވުމާ އެކު ފާހަގަކުރަމުން ދިޔަ މައްސަލަ އެކެވެ. ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިސަރުކާރުގެ ފުރަތަމަ ހައުސިން ސްކީމުގެ ތެރެއިން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ސްކީމްގައި ހިމަނައިގެން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފަ އެވެ.