25،000 ރުފިޔާގެ ޑައުންޕޭމަންޓް ދެއްކުމަށް ލުއި ދެނީ
އަވަސް
16 ޑިސެމްބަރު 2025 | އަންގާރަ | 11:50
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަޅަން ފެށި 4،000 ފްލެޓް ލިބުނު މީހުން އެތަންތަނަށް ދައްކަންޖެހޭ ޑައުންޕޭމަންޓަށްވާ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ ގަލޮޅު އަވަށުގެ ރައްޔިތުންނާ އެކު މިރޭ ކުރިއަށް ގެންދިޔަ ބައްދުލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 4،000 ފްލެޓް ލިބުނު މީހުން 25،000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކަންޖެހުމަކީ އެފަދަ މީހުން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ރައީސް މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށް ގެންދާ އަވަށު ބައްދަލުވުންތަކުގައި އެންމެ ގިނަ މީހުން ކަންބޮޑުވުން ފާޅުކުރަނީވެސް ބޯހިޔާވަހިކަމުގެ މައްސަލަތަކުގައެވެ. ވަކިން ހާއްސަކޮށް 4،000 ފްލެޓް މަޝްރޫއުގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ތަނަށް ވަނުމުގެ ކުރިން ދައްކަންޖެހޭ 25،000 ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ 25000 ރުފިޔާގެ ޑައުންޕޭމަންޓާއި ފްލެޓްތަކަށް ދައްކަންޖެހޭ ކުއްޔަށް ގެނެވޭނެ ބަދަލުތަކަކީ ކޮބައިތޯ ސަރުކާރުގެ ތެރެއިޖން ބައްލަވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވަނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000 ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ.