"ވެލްކަމް އިންޑިއާ" ރޯޑް ޝޯގައި ބައިވެރިވާން ހުޅުވާލައިފި
އަވަސް
17 ޑިސެމްބަރު 2025 | ބުދަ | 7:08
"ވެލްކަމް އިންޑިއާ" ރޯޑްޝޯގެ ދެވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ރޯޑް ޝޯއަކީ މަޓާޓޯގެ އިސްނެގުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އާއި ގުޅިގެން ބާއްވާ ރޯޑް ޝޯއެކެވެ. އިންޑިއާގެ މުހިންމު ތިން ސިޓީއެއްގައި މި ރޯޑް ޝޯ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ރޯޑް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހު އެވެ. އެ ގޮތުން ޗެންނާއީގައި މާޗް 23 ގައި ރޯޑް ޝޯ ބާއްވާއިރު އަހުމަދުއާބާދުގައި މާޗް 25 ވަނަ ދުވަހު އަދި ޖައިޕޫރުގައި މާޗް 27 ވަނަ ދުވަހު މި ރޯޑް ޝޯ ބޭއްވުމަށް ވަނީ ހަަމަޖެހިފަ އެވެ. މަޓާޓޯއަށް މެއިލްކޮށްގެން ނުވަތަ މަޓާޓޯގެ ވެބްސައިޓް މެދުވެރިކޮށް މި ރޯޑް ޝޯގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުށަހެޅޭނެ ކަމަށް މަޓާޓޯ އިން ވަނީ ބުނެފަ އެވެ. އިންޑިއާއަކީ ރާއްޖެއަށް މިހާރު ހަ ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 124،952 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.