މާލޭގެ މޭޔަރަކަށް ޕީއެންސީން މޫސާ އަލީ ޖަލީލް ނެރެނީ
އަވަސް
17 ޑިސެމްބަރު 2025 | ބުދަ | 6:00
ވެރިކަން ކުރާ ޕީއެންސީ އިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ނެރޭ ކެންޑިޑޭޓަކަށް ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް ހަމަޖެހިއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް 4 ވަނަ ދުވަހު އެވެ. ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާހް ވިދާޅުވީ އެ ޕާޓީގެ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި މާލޭގެ މޭޔަރު ކަމުގެ ޓިކެޓަށް ކުރިމަތިލެއްވީ އެންމެ ކެންޑިޑޭޓެއް ކަމަށެވެ. މޫސާ އަލީ ޖަލީލްގެ ނަން ފަލާހް ވިދާޅުވެފައި ނުވި ނަމަވެސް އޭނާ ވިދާޅުވީ އެއީ އާންމުންނަށް އާ ނަމެއް ނޫން ކަމަށެވެ. އަދި ބައެއް ނޫސްތަކުގައި ޕީއެންސީގެ މާލޭ މޭޔަރ ކެންޑިޑޭޓަކީ އެ ބޭފުޅަކުކަން ލިޔެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިދިޔަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް އަރުވާފަ އެވެ. ފަލާހް އިތުރަށް ވިދާޅުވީ ޕީއެންސީގެ ޕްރައިމަރީއަށް 13،000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ އިން ޓިކެޓް ދޭ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.