ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ޒަރިޔަންދު
އަވަސް
17 ޑިސެމްބަރު 2025 | ބުދަ | 11:00
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޕާޓީ -- ޕީއެންއެފް އިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ނެރޭ ކެންޑިޑޭޓަކަށް ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާއީލް ޒަރިޔަންދު ހަމަޖައްސައިފި އެވެ.
ޕީއެންއެފްގެ ފަރާތުން މިކަން އިއުލާންކުރީ މިރޭ އާޓިފިޝަލް ބީޗުގައި "ރިސެޓް"ގެ ނަމުގައި ބޭއްވި ޖަލްސާ ގައެވެ. ޒަރިޔަންދަކީ އޮޑިޓް އަދި އެކައުންޓިން ދާއިރާ އިން ކިޔަވާ ވިދާޅުވެ އެ ދާއިރާގައި ގިނަ އަހަރު ތަކެއްގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. ޒަރިޔަންދު ވަނީ ނެޝަނަލް ޓެންޑަ ބޯޑުގެ ޗެއާމަންގެ މަގާމުވެސް ކުރިން ފުރުއްވާފަ އެވެ. ވެރިކަން ކުރާ ޕީއެންސީ އިން ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ނެރުމަށް ނިންމާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އެވެ. އިދިކޮޅު އެމްޑީޕީން މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު ނެރުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމާއި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އެވެ.