އެއާޕޯޓް ޓެކްސްގެ ގޮތުގައި 3.5 ބިލިއަން
އަވަސް
18 ޑިސެމްބަރު 2025 | ބުރާސްފަތި | 10:42
އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް) ގެ އާމްދަނީގެ ގޮތުގައި މި އަހަރު ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.74 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 1.76 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޑިޕާޗާ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ އެއް ބިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް ލިބުނީ އެއް ބިލިއަން ރުފިޔާ އެވެ. އެއާޕޯޓް ޓެކުހާއި ފީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ޓެކްސް ނަގާ ރޭޓް ބޮޑުކުރުން ހިމެނެ އެވެ.
ޑިޕާޗާ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެ އެވެ.