ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް ކެނޑޭނެ ގޮތް ހަދަނީ
އަވަސް
18 ޑިސެމްބަރު 2025 | ބުރާސްފަތި | 11:01
ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާއިން ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމުކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. އެ ބައްދަލުކުރެއްވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ފައިސާ ނުލިބި ލަސްވި ނަމަވެސް މީރާއަށް ދައްކަންޖެހޭ ފައިސާ ހޯދަން އެ އޮތޯރިޓީން ފިޔަވަޅު އަޅާކަމުގެ ޝަކުވާކޮށްފަ އެވެ. ބައެއް ވިޔަފާރިވެރިން ވަނީ އެފަދަ ހާލަތުގައި މީރާއިން ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުން ދޭންޖެހޭ ފައިސާއިން މީރާއަށް ދައްކަންޖެހޭ ޓެކުހާއި ފީތައް ކަނޑަށް ހުށަހަޅާފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ފައިސާއިން ސަރުކާރުން އެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ކެނޑޭނެ ގޮތެއް ގާނޫނީ ގޮތުން ބައްލަވާނެ ކަމަށާއި އެކަމުގައި ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.