ކެލާ ކައިރިން ލަންކާގެ ދެ މަސް ބޯޓު އަތުލައިގަނެފި
އަވަސް
18 ޑިސެމްބަރު 2025 | ބުރާސްފަތި | 12:57
ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތަކަށް އެމްއެންޑީއެފުން ހިންގި އޮޕަރޭޝަނެއްގައި ހއ. ކެލާ ކައިރިން ސްރީލަންކާގެ ދެ މަސް ބޯޓު އަތުލައިގަނެފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ އެ ދެ މަސްބޯޓު ހިފެހެއްޓީ ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ ޒަރިއްޔާއިން، އެއްކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯ އިން ހިންގި ސާވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ ހެނދުނު 08:30 ހާއިރު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށެވެ. މި ދެ ބޯޓު މިހާރު ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.