ތިންވަނަ ފިޔަވަހިން ހޮނިހިރު ދުވަހު ގޯތި ދޫކުރަނީ
އަވަސް
18 ޑިސެމްބަރު 2025 | ބުރާސްފަތި | 10:53
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ ގުރުއަތުލުން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ކަލާފާނު ސްކޫލުގައި ކަމަށެވެ. ގުރުއަތުލުން ކުރިއަށްދާނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން ހޯލަށްދާ މީހުންގެ ހާޒިރުގައި މިނިސްޓްރީގެ މުވައްޒަފުން ކަމަށްވެސް ބުންޏެވެ. މިނިސްޓްރީން ބުނީ ގުރުއަތުލުން ކުރިއަށްދާ ވަގުތު ހޯލަށް ވަދެވޭނީ ގޯތި ލިބޭ މީހުންގެ ތެރެއިން ކޮންމެވެސް އެކަކަށް ކަމަށާއި ގުރުއަތުލުމަށް ދާ މީހާ އައިޑީ ކާޑު ގެންދަންޖެހޭނެ ކަމަށެވެ. ގުރުއަތުލުން ކުރިއަށްދާ ވަގުތު މަންޒަރުތައް ދައުލަތުގެ މީޑިއާ އިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލްއިން ފެންނާނެ ގޮތްވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 1،351 ގޯތި ވަނީ ދޫކޮށްފަ އެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހީގައި މިހާތަނަށް 31.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.