ފަހި ފްލެޓްތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކޮށްފި

އަވަސް

18 ޑިސެމްބަރު 2025 | ބުރާސްފަތި | 11:55

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފެށި 4،000 ފްލެޓު މަޝްރޫއުގެ ތެރެއިން ހުޅުމާލެއިން ދޭ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަ ކުރަން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަން ނިންމަވާ އިއުލާންކުރެއްވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި ސޯޝަލް ހައުސިންގެ ގޮތުގައި އަދި ވިޔަފާރި އުސޫލުން އަޅާފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންވެސް އެ ތަންތަނުގައި ދިމާވާ އެތައް މައްސަލަތަކެއް ރައީސްގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ. އެންމެ ގިނަ ބަޔަކު ފާހަގަކުރީ ކުއްޔާއި އެޑްވާންސްގެ މައްސަލަ އެވެ. ރައީސް ސޯލިހްގެ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަން ފެށި 32 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މިހާތަނަށް ދައްކަން އަންގާފައި އޮތީ މަހަކު 8،000 ރުފިޔާ އެވެ. ތިން ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނަންސް ފީއާ އެކު މިހާތަނަށް ދައްކަން އަންގާފައި އޮތީ މަހަކު 10،500 ރުފިޔާ އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތަކުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި މިހާތަނަށް ދައްކަން އަންގާފައިވަނީ 15،000 ރުފިޔާ އެވެ. ތިން ކޮޓަރީގެ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން އަންގާފައިވަނީ 25،000 ރުފިޔާ އެވެ. ފްލެޓްތަކުގެ ތަޅުދަނޑި ދޫކުރަނީ ޑައުންޕޭމަންޓް ދެއްކުމުންނެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް މިރޭ އިއުލާން ކުރެއްވީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދާފައިވާ ތިން ކޮޓަރީގެ މަހު ކުލި 10،000 ރުފިޔާއަށް އެޑްވާންސް 8،000 ރުފިޔާއަށް ކުޑަކުރުމަށެވެ. އަދި ދެ ކޮޓަރީގެ މަހު ކުލި 7،000 ރުފިޔާއަށް ކުޑަކުރުމަށާއި އެޑްވާންސް 7،000 ރުފިޔާއަށް ކުޑަކުރުމަށެވެ. "މިގެނެވުނު ބަދަލުތަކާ އެކު އާ އެއްބަސްވުންތަކެއް ހެދިގެން ދާނެ،" ރައީސް ވިދާޅުވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓް ލިބުނު މީހުންނަށް ފްލެޓްތަކުގެ ފިނިޝިން ނިންމަން ކުރި ހޭދަ ހަމަޖެއްސުމުގެ ގޮތުން ކޮންމެ ފްލެޓަކަށްވެސް 200،000 ރުފިޔާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސްގެ ވައުދާ އެއްގޮތަށް އެކަން ކުރުމުގެ ބަދަދަލުގައި އެކަމުގައި ކަންތައްތަކެއް އޮޅުވާލާފައިވާ ކަމަށް ބައެއް މީހުން މިރޭގެ ބައްދަލުވުމުގައި ތުހުމަތު ކޮށްފައިވެ އެވެ. އެގޮތުން ވާހަކަ ދެއްކި މީހަކު ބުނީ އެ އަދަދު ބަހާލައިގެން ފްލެޓަށް ދައްކަންޖެހޭ ޖުމްލަ އަދަދުގެ ތެރެއަށް ލާފައިވާ ކަމަށާއި އެއީ އެ މީހުންގެ ބޮލުގައި އެޅުވި އިތުރު ދަރަންޏެއް ކަމަށެވެ. މިކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވީ ގޮތަށް އެކަން ހަމަޖައްސައިދޭނެ ކަމަށެވެ. "އެ ދެ ލައްކަ ރުފިޔާ އަޅުގަނޑު ދެންނެވި ގޮތަށް އެ އުނިކުރުމަށްޓަކައި ކޮށްދޭން ހުރި ކަންކަން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ. ހިޔާ ފްލެޓްތަކުގެ ކުލިވެސް ކުޑަކުރުމުގެ ބަދަލުގައި މިހާރު ވަނީ ކުލި ވަކި މުއްދަތަކަށް ކުޑަކޮށްދިނުމަށްފަހު ކުލި ދައްކަންޖެހޭ މުއްދަތު އިތުރުކޮށްފައި ކަމަށާއި އެއީ ކަމުދާ ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ ހިޔާ ފްލެޓްތަކަށް މަހުން މަހަށް ދައްކަން ޖެހޭ މިންވަރާއި މުޅި ފްލެޓްގެ އަގާ މެދު ހުރި ކަންބޮޑުވުންތަކަށްވެސް ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. ވިނަރެސް ފްލެޓްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ ވިނަރެސް ފްލެޓްތަކުގެ ކުލި މި ސަރުކާރުން ކުޑަކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެ ފްލެޓްތަކާ ގުޅިގެން ނަގާފައިވާ ލޯނުތަކަށް ލުއިތަކެއް ގެނެސްފައި ނުވާތީ ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކާ ވާހަކަދައްކައިގެން ލުއިތަކެއް ހޯދުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މައުޟޫޢުތަށް