މޯލްޑިވިއަނުން ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

އަވަސް

20 ޑިސެމްބަރު 2025 | ހޮނިހިރު | 1:46

ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ގައުމީ އެއާލައިން -- މޯލްޑިވިއަނުން ބުނެފި އެެވެ.

މިއީ ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު މޯލްޑިވިއަން ފަށާ މިފަދަ ފުރަތަަމަ ދަތުރުތަކަށް ވެގެންދާނެ އެވެ. މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަނުން ބުނީ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ލީޑިން ޓްރެވެލް ކުންފުންޏެއް ކަމަށްވާ 'ލަގްޒަރީ އެސްކޭޕްސް' އާއި ގުޅިގެން ކަމަށާއި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އޮސްޓްރޭލިއާގެ މެލްބަންއަށް ކަމަށެވެ. ރާއްޖެއާއި އޮސްޓްރޭލިއާ ދެމުދު ސީދާ ދަތުރުތައް ފެށުމުން އޮސްޓްރޭލިއާއިން ރާއްޖެ އަންނަ ފަރުތުވެރިން އިތުރުވެ، ދަތުރުކުރާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ. އައިލޭންޑް އޭވިއޭޝަނުން ބުނީ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ސީޒަނަލްކޮށް ކަމަށާއި މި ދަތުރުތައް ފަށާނީ އަންނަ އަހަރުގެ މެއި މަހު ކަމަށެވެ. ހަފްތާއަކު އެއްފަހަރު މިދަތުރުތައް ކުރާނެ ކަމަށްވެސް ބުންޏެވެ. އައިލޭންޑް އޭވިއޭޝަނުން ބުނީ އޮސްޓްރޭލިއާ ދަތުރުތައް ކުރާނީ ރާއްޖޭގެ އެކި ހިސާބުތަކަށް މޯލްޑިވިއަނުން ކުރާ ދަތުރުތަކާ އަދި ސީޕްލޭންގެ ދަތުރުތަކަށް ފަސޭހާވާނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ. އޮސްޓްރޭލިއާ އިން މިއަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް 40،490 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ ގައުމުން ރާއްޖެ އައިސްފައިވާ 35،818 ފަތުރުވެރިންނާ އަޅާ ބަލާއިރު 13 ޕަސަންޓް އިތުރުވުމެކެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައިވެސް އޮސްޓްރޭލިޔާ ހިމެނެ އެވެ.

މައުޟޫޢުތަށް