ޑައުންޕޭމަންޓް ދެއްކި މީހުންނަށް ކުލިން ލުއިކޮށްދެނީ
އަވަސް
19 ޑިސެމްބަރު 2025 | ހުކުރު | 8:00
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފެށި 4،000 ފްލެޓު މަޝްރޫއުގެ ތެރެއިން ހުޅުމާލެއިން ދޫކުރާ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަ ކުރަން ނިންމާފައިވާތީ ކުރިން ޑައުންޕޭމަންޓް ދެއްކި މީހުންނަށް މަހު ކުލީން އެބައި އުނިކޮށްދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ރައީސް ސޯލިހްގެ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަން ފެށި 32 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މިހާތަނަށް ދައްކަން އަންގާފައި އޮތީ މަހަކު 8،000 ރުފިޔާ އެވެ. ތިން ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނަންސް ފީއާ އެކު މިހާތަނަށް ދައްކަން އަންގާފައި އޮތީ މަހަކު 10،500 ރުފިޔާ އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތަކުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި މިހާތަނަށް ދައްކަން އަންގާފައިވަނީ 15،000 ރުފިޔާ އެވެ. ތިން ކޮޓަރީގެ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން އަންގާފައިވަނީ 25،000 ރުފިޔާ އެވެ. ފްލެޓްތަކުގެ ތަޅުދަނޑި ދޫކުރަނީ ޑައުންޕޭމަންޓް ދެއްކުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތަކުގެ ތެރެއިން ފްލެޓް ލިބުނު މީހުން ވަނީ އެ ތަންތަނުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް ރައީސްއަށް ހުށަހަޅާފަ އެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ރޭ އިއުލާން ކުރެއްވީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދާފައިވާ ތިން ކޮޓަރީގެ މަހު ކުލި 10،000 ރުފިޔާއަށް އެޑްވާންސް 8،000 ރުފިޔާއަށް ކުޑަކުރުމަށެވެ. އަދި ދެ ކޮޓަރީގެ މަހު ކުލި 7،000 ރުފިޔާއަށް ކުޑަކުރުމަށާއި އެޑްވާންސް 7،000 ރުފިޔާއަށް ކުޑަކުރުމަށެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ ރައީސް މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން އެހާތަނަށް ޑައުންޕޭމަންޓް ދައްކާފައިވާ މީހުންނަށް މަހު ކުލީން އެބައި އުނިކޮށްދޭން ނިންމާފައިވާ ކަމަށެވެ.