"އެމްއެންޔޫ އިނޮވޭޓްހަބް ޕަވާޑް ބައި ދިރާގު" އިއުލާންކޮށް ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފި

އަވަސް

21 ޑިސެމްބަރު 2025 | އާދިއްތަ | 12:35

ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ހުނަރު އިތުރުކުރުމުގެ މަގުސަދުގައި "އެމްއެންޔޫ އިނޮވޭޓްހަބް ޕަވާޑް ބައި ދިރާގު" ތައާރަފުކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ދިރާގުން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފި އެވެ.

މި ސްޓްރެޓީޖިކް ޕާޓްނާޝިޕް ރަސްމީކޮށްފައި ވަނީ އެމްއެންޔޫގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. މިއީ، ޒުވާނުން ކުރިއަށް ނެރެ، ޒުވާނުންގެ އުފެއްދުންތެރިކަމަށް ހިތްވަރުދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. އެމްއެންޔޫ އާއި ދިރާގުގެ ޕާޓްނާޝިޕްގެ ދަށުން ޔުނިވާސިޓީ އިންކިއުބޭޓާ ޕްރޮގްރާމް -- "އެމްއެންޔޫ އިނޮވޭޓްހަބް ޕަވާޑް ބައި ދިރާގު" ގެ ނަމުގައި ވަނީ އިފްތިތާހުކޮށްފަ އެވެ. މި ޕާޓްނާޝިޕް މެދުވެރިކޮށް ދިރާގުން މި ޕްރޮގްރާމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މީގެ ތެރޭގައި މެންޓާޝިޕް ދިނުމާއި، ޕިޗް އިވެންޓްތަކުގައި ޖަޖުންގެ ގޮތުގައި ބައިވެރިވުމާއި، އިންކިއުބޭޝަންގެ މަރުހަލާތަކުގައި ބޭނުންކުރުމަށް ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓް ފޯރުކޮށްދޭނެ އެވެ. ދިރާގުން ބުނި ގޮތުގައި މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އީޖާދީ ހިޔާލުތައް އަމަލީ ގޮތުން ބޭނުންކުރެވޭ ދެމެހެއްޓިނިވި ހައްލުތަކަކަށް ބަދަލުކުރުމަށް އެހީތެރިވެދިނުމަށެވެ. މީގެތެރޭގައި ހިޔާލު އުފެއްދުން، މެންޓާޝިޕް، ހުނަރު ތަރައްގީކުރުމާއި، ވެލިޑޭޝަން އަދި ދަރިވަރުންގެ އީޖާދީ ހިޔާލު ތަރައްގީކޮށް މާކެޓް ރެޑީ ސޮލިއުޝަން ތައްޔާރުކުރުން ހިމެނެ އެވެ. މި ޕްރޮގްރާމަކީ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާއި ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި އެއްގޮތުގެ މަތިން ޒިންމާދާރުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި އީޖާދުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. މި ޕާޓްނާޝިފަކީ ދިރާގުން ޒުވާނުން ބާރުވެރިކުރުވުމަށާއި، ޑިޖިޓަލް އީޖާދުތައް ކުރިއެރުވުމަށާއި، ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށާއި ދިރާގުގެ އަމާޒަކީ މުސްތަގުބަލަށް ތައްޔާރުވެފައިވާ ހުނަރުވެރިން ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ ތަރައްގީއަށް އެހީތެރިވެދިނުން ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. މި އިސްނެގުމުގެ ދަށުން ޒުވާން ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ގައުމުގެ އީޖާދީ މާހައުލު އިތުރަށް ހަރުދަނާކޮށް، އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް މަގުތައް ފަހިވެގެންދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

މައުޟޫޢުތަށް