މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ތިންވަނަ ފަހަރަށް ބަދަލު ގެނެސްފި
އަވަސް
21 ޑިސެމްބަރު 2025 | އާދިއްތަ | 4:00
ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް މިއަހަރު ތިންވަނަ ފަހަރަށް ބަދަލު ގެނެސްފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން ބުނި ގޮތުގައި މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބުގެ އަދަދަކީ 19،527.90 ރުފިޔާ އެވެ. މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ އޯގަސްޓް މަހު އެވެ. އޭރު ނިސާބަކީ 11,191.95 ރުފިޔާ އެވެ. އޭގެކުރިން މިއަހަރުގެ އޭޕްރީލް މަހުވެސް ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފައިވެ އެވެ. އޭރު ނިސާބަކީ 9264.15 ރުފިޔާ އެވެ. ޒަކާތު ހައުސް އިން ބުނީ ރާއްޖޭގައި ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަން ރިހީގެ އަގަށް ބަލައިގެން ކަމަށެވެ. އެގޮތުން މިހާރު ބާޒާރުގައި ރިހީގެ އަގު ހުރީ ގްރާމަކަށް 32.82 ރުފިޔާ އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 2،149.39 ރުފިޔާއަށް ކަމަށް ޒަކާތު ހައުސް އިން ބުނެ އެވެ. ރާއްޖޭގައި ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށާއި ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށްވެސް ޒަކާތު ހައުސް އިން ބުނެ އެވެ. މުދަލު ޒަކާތުގެ ނިސޯބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ. ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.